އޮކްޓޯބަރ 6 ވަނަ ދުވަހާއި ގުޅޭ...
ހިިތަށް ވަން ބިރުވެރިކަމުން ޒައިޝާއަށް ހަޅޭލަވަންވެސް ނުކުރެވިފައި ހުރެފައި ކުރެވުނުހާވެސް ކަމަކީ އަވަސްއަވަހަށް ކޮޓަރިތެރެއަށް ދެމިގަނެ ދޮރުލެއްޕުމަށްފަހު ދުއްވައިގަނެވުނީއެވެ. މާދުރަކަށް ނުދެވުނެވެ. އެނދުގެ އަރިމަތީގައި ޒައިޝާ އަޅައިގަނެ ބިންމައްޗަށް ވެއްޓުނެވެ. ވީތަދުން އެތަނުގައި އިރުކޮޅަކު އޮތުމަށްފަހު އަރިމަތިން އިރަގެންގޮސް ހުރި ސޯޓުގައި ހިފަމުން ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް ވެއްޓުނު ގަޑީގައި މުށިގަނޑުމަތީގައި ޒައިޝާގެ ފައިޖެހި ކަނާތްފަރާތުގެ ކަކުލަށް ވަނީ ވަރަށް ބޮޑަށް ތަދުވެފައެވެ. ނަމަވެސް ވަރަށް ހިއްވަރުކޮށްފައި އެނދުގައި ހިފަހައްޓަމުން ތެދުވެ އެނދުމައްޗަށް ވެއްޓިގަތެވެ. " އައްދޯއި.. ބުރަކަށިދަށުން ޒައިޝާ ޗާޖަށް ޖަހާފައި އޮތް ފޯނު ނަގާ އެއްފަރާތް ކޮށްލިއެވެ. މަޑުމަޑުން ފިރުކިފަހަކަލަ ގޮތަކަށް ދެފަރާތަށް ތެޅިތެޅިފައި އެނދުގައި އޮތުމަށްފަހު މޫނު ވަތަށް އޮށޯތެވެ. ބާލީހުގެ ތެރޭގައި މޫނު ވަޅުލައި ފިއްތާލައިގެން ކަންފަތުގައި އަތް އެޅި އެވެ. ޒައިޝާއަށް ހަމަ ހީވަނީ އެވެ. ކުނިވެފައިވާ ގަބުރެއް އަރައިގެން އައިސް ގަގައި ދޫލާނެ އެވެ. އޭތީގެ ހިތް ފުރުމުން ކަނދުރާ މަތިން ވައި ނޮޅީގެ ތެރެއަށް ތޫނު ދަތްތައް ވައްދާލައި ލޭ ބޯން ފަށާނެ އެވެ. ލޭ ހުސްވުމުން މަސްގަނޑު ރޮލާ ކައިގެން އަވަހަށް ހިނގައިދާނެ އެވެ. އެ ހިޔާލުގައި އޮވެ ޒައިޝާއަށް ގިސްލެވެމުން ދިޔަ އެވެ. ކުއްލި ކުއްލިއަށް ސިހެން ފަށައިފި އެވެ. ޒައިޝާގެ ލޯ މެރި، ނިދުނީ ވަރަށް ބޮޑަށް ރޫރޫ އެޅުމަށް ފަހު އެވެ.
ފުރަތަމަ އަންނަން ފެށި ގަނދަކޯޅި މަލުގެ ވަހެވެ. އޭގެ ފަހުން ވަސް ބަދަލުވަމުން ދިޔައީ ނުބައި ކުނިވަހަކަށެވެ. އެނދުމަތީގައި އޯކަށް ދެމިދެމި އޮތް ޒައިޝާގެ ދެ ލޯ ބޮޑުވެ ބުމައިގައި ގޮށް ޖެހެމުން ދިޔައެވެ. ތަޅުން މަތި ވަނީ ކުނިވެފައިވާ ލޭގެ ކޯރަކަށް ބަދަލުވެފަ އެވެ. ލޭތަކުގެ ތެރެއިން ބޮކި ޖަހަމުން ދެ އެވެ. ނުބައި ވަހުގެ ރޯޅިފަށް ގަދަކުރާ ވަރަކަށް ލޭގަނޑުގެ ތެރޭގައި ބާނި އުފެދި ބޮކިތައް ބޮޑެތިވެ ފަޅަފަޅައިގެން ދެ އެވެ. ޒައިޝާގެ އަތް ހަރަކާތް ކުރަން ފެށި އެވެ. ފޯވެ ހިރުވަމުންދާ ކަނދުރާގައި އަތްތިލަ ބީއްސާލި އެވެ. ފުޅަތައް ދުވަމުން ދިޔައެވެ. ކަނދުރަމަތިން މޭ މައްޗާ ދިމާއަށެވެ. ކުނި ލޭގެ ރޮނގެއް މޭ މައްޗަށް ފައިބަނީ އެވެ. އެނދުމަތީގައި ޒައިޝާ ތެޅެމުން ދިޔައީ ތައްޓުމަތީގައި ތެޅޭ ރޯ މަހެއް ހެނެވެ. އެ ތެޅުމާ އެއްވަރަށް ތަޅުންމަތީގައިވާ ލޭގަނޑުގެ ބޮކިތަކުން ބަޑި ޖަހަމުންދެއެވެ. ކުނިލެއިން ޗަކަވެފައިވާ އެނދުމަތީގައި ޒައިޝާ ހިމޭންވި އިރުވެސް ފޮޅުތައް ކަންނެތް ކަމާއެކު ކަނދުރާމަތީގައި ފިރުކެމުން ދެއެވެ. ދެން އިވުނީ އަޑެކެވެ. ބަން ކިޔާފަ އެވެ.
ޒައިޝާގެ އަޑު ބޭރެއް ނުވެއެވެ. ހީވަނީ މޭ ފާޅާލާފައި ހިތް ފުންމައިލަން އުޅެނީ ހެނެވެ. އެކަމަކު އެ ބިރުވެރި ކަމުގެ ތެރެއިން ނުކުމެގެން ދުރަށްދާކަށް ޒައިޝާ ނޫޅެ އެވެ. ހަމަ ލޯ ހުޅުވާލައިގެން އެނދުމަތީގައި އޮތީ އެވެ. ފުޅަތަކުގެ ކާނާއަކަށް ވެގެނެވެ. ކުނިވެފައިވާ ލޭ ގަނޑުގެ ތެރޭގައި ޒައިޝާ ހިނގަން ފެށިއެވެ. އެއާއެކު ކޮޓަރީގެ ތެރެއަށް ގަދަފަދަ އައްޔެއް ފާންވެ ޒައިޝާ ވަށައިގެން ރެދަން ލައި ދުވަން ފެށި އެވެ. ފިޔަވަޅު އަޅަމުން ދިޔައެވެ. އެ އަލީގަ އެވެ. ދޮރު ހުޅުވާލި އެވެ. ބޭރަށް ނުކުތެވެ. މަޑުމަޑުން ވެއްޓެމުން ދިޔަ ވާރޭ ތިކިތަކުގެ ތެރެއިންނެވެ. ޒައިޝާއަށް ދެވުނީ ސަހަރާ އަށެވެ. ތޫނު ރެދަން އަލިގަނޑު ސަހަރާގެ ދޮރުތެރެއަށް ވައި ރޯޅިއެއްހެން ދެމިގަތުމާއެކު ގަބުރު ރައްކާކުރާ ކޮށާރުގެ ދޮރުމަތީގައި ރުލެއް ނެރި ޒައިޝާ އޮށޯވެއްޖެ އެވެ. އޮށޯތުމާއެކު ވަތްގަނޑުލީ ދަގަނޑު ކޮށާރު ކައިރީ ދިއްލާފައިވާ ބައްތިން ފަތުރާލާފައިވާ ސޯޑިއަމް އާވި މަޑުމަޑުން ފަނޑުވަމުން ފަނޑުވަމުން ގޮސް މަހާނަ ގާތަކުގެ ތެރެއަށް ހިނދި ކަޅުފޮއިގެ ރަސްކަމުގެ ތެރެއަށް ގަބުރުސްތާނު ގެންދިޔަ އެވެ. ޒައިޝާ ލޯ މަރާލައިގެން އޮތެވެ. ރުލެހެން ދެމިގެނެވެ. ރުހިގެނެވެ.
ކޮށާރާ ދިމާއަށް ވާގޮތަށް ހުރި ނިކަ ގަހުގެ ތެރޭގައި ހެލުވުމަކާއި އަޑުތަކެއް އުފެދުމަށްފަހު ވައިރޯޅި އަންނަން ފެށީ މާ މައްޗަކުންނެވެ. ގޮފިތަށް ހަލުވާލާލައި ފަތްތައް އުކާލައިފިއެވެ. ދުރަށް ފެތުރިފައިވާ މަހާނަތަކުގެ ތެރެއަށް ކުނިތަކާއި ފަތްތައް ބުރުއްސައިލި އެވެ. އެ ހުރިހާ ފަތްތަކެއް އެނބުރެމުން އެނބުރެމުން އައިސް ޒައިޝާގެ ގައިގެ ވަށައިގެން ހިމޭވަމުން ދިޔަ އެވެ. ދެން އިވުނީ ރުއިމަކާ ހޭރުމެއްގެ އަޑެވެ. އެއަޑާއެކު ވައި ރޯޅި ދުވަން ފެށީ ސަހަރާގެ ބޯޅަކިންކިރި ގަސްތަކާ ދިމާއަށެވެ. އެތަނުގެ ތެރޭގައި ދުވަސްވީ ބިޔަ ބޯޅަކިންކިރި ގަސް ލެނބެމުން ގޮސް ގޮފިތައް އެކީ އެކަށް ސަހަރާތެރޭގައި ހެދިފައިވާ ވިނަ ގަސްތަކުގެ ތެރެއަށް ތިރިވެއްޖެ އެވެ. ބޯޅަކިންކިރި ގަހުގެ އެއް ފަރާތުގައި ހުރި މަހާނަ ގަލެއްގައިވާ ލޯ ފޮތިން ނުކުތް ތޫނު އަލީގެ ދޯދިތައް ފާޒާގެ ތެރެއަށް އަރައި އޮބުމަށް ފަހު ލެނބިގެން އައިސް މާހަނާގައިގެ ތެރެއަށް ތޮރުފިގަތެވެ. ހީވީ ސަހަރާގެ ބިންގަނޑު އިރައިލި ހެނެވެ. ދެން އިވުނީ އަނެއްވާސް ރުއިމެއްގެ އަޑެވެ. ވަޅުގަނޑެއްހެން ހުރި މަހާނައިގެ މެދުން ފޭވެފައިވާ ފަސްގަނޑުގެ ތެރެއިން ގަބުރެއް ތެދުވަން ފަށައިފި އެވެ. ކުނިވެ ފުޅަ އަޅާފައިވާ މީހެކެވެ. ކިސަޑު ވެއްޔާ ތަތް ތެޅިފައިވާ ގަބުރުގެ ބޮލުގައި ބޮޑެތި ފާރުގަނޑު ހެދިފައި ހުއްޓެވެ. ލާފައި ވަނީ ދިރޭ ރަހައިން ވިދުން ހުރި ދޮހެކެވެ. ގުދު ލައްވަމުން ފިރުކެމުން ދިޔައީ ބޮޑެތި ފުޅަ އެވެ. އެ ގަބުރުގެ ލޯ ހީވަނީ ކޮނެގެން ނަގާފައިވާ ހެނެވެ. ކަންފަތާ ހަމައަށް ފަޅައިގެން ގޮސްފައިވާ އަނގަ ތެރޭގައި އެކިވަރުގެ ދަތް ހުއްޓެވެ. ބޭރަށް ވެއްޓިފައިވާ ދުލުގައި ނާރުތައް ވަނީ ފުފިފަ އެވެ. އަރައިގެން އަންނަ ވަހުން ނޯއްދަމާލަން ނުކެރެއެވެ.
( ނުނިމޭ )


ޚިޔާލު