ތެތްފިނިކަން ޖައްވުގައި ވަކި ހިއްޕާލަމުން، ހުޅަނގު މޫސުމުގެ ވަކިތަކުދަށުވަމުން، ކާއިނާތު އަޅުދާސްތުކުރަމުން ދިޔައެވެ. ޖަހަމުންދިޔަ ވާރޭ ކަނިތައް ބޮޑެތިވަމުން، ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުން ދިޔައީ ތަރުތީބު ކުރެވިފައިވާ އުޞޫލަކުން ކަމަށް ބަލާމީހަކަށް މާނަކުރެވޭހެންނެވެ. ބިމުގައި ހަރުކޮނެގެންނާއި ގަސްގަހާއި ވެޔޮތަކުގައި ރޭގަނޑުގެ "އަނާނާ" އަކަށް ތަސްބީހަކިޔަމުން ދިޔަ "ކުދި ސޮރުމެން"ގެ އަޑުތައް ހުއްޓުވަމުން އެސޮރުމެންގެ ހިތަށް ބިރުވެރިކަން ވެރިކުރުވަމުން ދިޔަ ނަމަވެސް ވެހެމުންދިޔަ ވާރޭއަކީ އައިޝާގެ ހިތަށް އުފާކުރަމުންދިޔަ އެއްޗަކަށް ނޫނީ ނުވިއެވެ.
އަވަދިނެތި ކުލާހުގެ ކުދިންގެ ފޮތްތައް މާކް ކުރަން އިދެފައި އަވަސްވެގަތީ ވެހެމުންދިޔަ ވާރޭއިން އުފާލިބިގަތުމަށެވެ. ވަތުގަތީ މަޢްރިބް ނަމާދާއި އިޝާނަމާދާއި ދެމެދުގެ ވަގުތެވެ. ޒައިޝާ އެނދުގެ ހެޑްބޯޑުމަތީގައި އޮތް ފޯނުނަގާ ގާތް އެކުވެރިޔާ މިންހާއަށް ފޯނުކޮށްލިއެވެ. މިންހާގެ ޖަވާބުގައި ޑިޔުޓީގައި ހުރިކަން އެގުމުން ދެފަރާތަކަށް ތުން އަބުރާލުމަށްފަހު ފޯނު އެނދުމައްޗަށް އެއްލާލިއެވެ. ބޭރަށް ނިކުމެ ސައިކަލް އިސްޓާޓް ކޮށްލުމަށް ފަހު ވަކި މިސްރާބެއްނެތި ސައިކަލް ދުއްވާލިއެވެ.
ވެހެމުންދާ ވާރެއާއިއެކު ޖެހެމުންދާ ވައިގައި ރުޅިވެރިކަމާއި އެކު ރަށުތެރެއަށް ހަމަހިމޭންކަން ދީފައި އޮތް ނަމަވެސް މުޅި ދުނިޔެ މައްޗަށް ވެރިކުރުވަމުންދިޔަ ފިނިކަމުން އެއްވެސް މީހަކު މަތިން ހަނދާންވާހެނެއް ހިޔެއް ނުވެއެވެ. ރަށުގެ މީހުން އަލަށް އާބާދުވި ސަރަހައްދުން ދުއްވަމުންދިޔަ ސައިކަލް މަޑުކޮށްލީ ސްޓޭޑިއަމް ބޭރު ކަންމަތީގައި ސައިކަލް މަޑުކޮށްލައިގެން އިން ޒައިޝާގެ ރަޙްމަތްތެރި އިޝާން ފެނުމުންނެވެ. " ހިގާ ޕޮއިންޓް ބީ އަށް" ޒައިޝާ މިހެން ބުނުމުން އިޝާން ސައިކަލް ސްޓާޓް ކުރުމަށްފަހު ޒައިޝާގެ ފަހަތުން ދުއްވާލިއެވެ. އައިޝާމެންގެ ބަހުންނަމަ ޕޮއިންޓް ބީ އަކީ ތިނަދޫ ހުޅަނގު ފަރާތުގައި ޖަންބޯ ބޭގް ބޭނުންކޮށްގެން އަލަށް ހަދަމުންދާ " ސޭފް ޖެޓީ" އެވެ. ސައިކަލްގައި ދުއްވަމުން ދިޔައިރު އިޝާން އެއްވެސް ވާހަކައެއް ނުދެއްްކިޔަށް ޒައިޝާ އެކަމަށް ފަރުވާލެއް ނުބެހެއްޓީ ޒައިޝާ ޤަބޫލުކުރާގޮތުން އިޝާންއަކީ ސައިކަލަށް އެރުމަށްފަހު "ހަނުގައި" އިންނަ މީހަކަށް ވާތީއެވެ.
ދުއްވަމުންދިޔަ ސައިކަލްތައް މަޑުކޮށްލީ ހުޅަނގު ފަރާތުގައި ހަދަމުންދާ ޖަންބޯ ބޭގް ތޮށި ފެށުނު ހިސާބުގައެވެ. ސައިކަލް ޕާކްކުރުމަށްފަހު ޒައިޝާ ހިގައިގަތީ ބަސްތާ ތަކާއި ދިމާލަށެވެ. އޭރު ވެހެމުންދިޔަ ވާރޭ ކޮންމެވެސް ވަރަކަށް ތުނި ކޮށްފައި ވުމުން އެސަރަހައްދުގައި ކޮންމެވެސް ވަރަކަށް މީހުން އުޅުނުވެ. މަޑު ހިގުމެއްގައި ދެމީހުން ގޮސް މަޑުކޮށްލީ ތިނަދޫއާއި ގުޅާލެވިފައި އޮތް ތިނަދޫ މާފުށި ގުޅުނު ހިސާބުގައި ޖަހާފައި ހުރި ބަސްތާތަކުގެ މަތީގައެވެ. ވިއްސާރަވެ އުޑުމަތި ބަނަކަމުން ރަށުތެރެއަށް ދީފައިއޮތް ކޮކާ ހަނދުވަރުގެ ސަބަބުން ހިތަށް ބިރުވެރިކަން ފެތުރެއެވެ. އިރުކޮޅަކު އަނގައިން ނުބުނެ ތިބުމަށްފަހު ޒައިޝާ ވާހަކަ ދައްކަން ފެށިއެވެ. ޒައިޝާ ވާހަކަ ދައްކަމުން ދިޔައިރު އިޝާން ރަށުގެ ފުއްޓަރު ފަރާތުން ނަގަމުންދިޔަ ބިޔަ ބޮޑު ރާޅު ތަކާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ޒައިޝާ ދައްކަމުންދިޔަ ވާހަކަތަކަށް ހުއްޓުމެއް ގެނުވީ ބާރު އަޑުފައްގަނޑެއް އިވi ސިއްސައިގެން ދިޔުމުންނެވެ. ބިރުގަތް ވަރުން ޒައިޝާ ސިއްސައިގެންގޮސް އިޝާންގެ ކޮނޑުގައި ބާރަށް ހިފާލެވުނެވެ. އަޑު އިވުނި ކައިރީގައި އޮތް މަގުންކަމަށް ޒައިޝާއަށް ޔަޤީން ވުމުން މަޑުމަޑުން ބޯއަބުރާ އަޑުއައި ދިމާލަށް ބަލާލިއެވެ. އެވަގުތު އެސަރަހައްދުގައި މަސައްކަތް ކުރުމަށް ގާބަރުކޮށްގެންދިޔަ އެމްޓީސީސީގެ ބޮޑުލޮރީއެއް ބަރުކޮށްގެން ދިޔަ ގާތަކާއިއެކު ފޮރޮޅާލައިފައި އޮތްތަން ފެނުނެވެ. ދެފަރާތަކަށް ބޯހޫރާލުމަށްފަހު ދެތުންފަތަށް ރަކި ހިނިތުންވުމެއް ވެރިކުރުމަށްފަހު މީހާގެ މޮޔަކަން ހިތަށް އެރިއެވެ. އަދި މަޑުމަޑުން އިޝާންއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އިޝާންގެ ކޮނޑުގައި ބާރަށް ހިފަހައްޓައިގެން އޮތް ޒައިޝާގެ އަތް ފެނި ރަކި ހިނިތުންވުމަކާއި އެކު ކުއްލިއަކަށް އިޝާންގެ ކޮނޑުން ޒައިޝާގެ އަތް ދޫވިއެވެ. އޭރުވެސް އިޝާން އިނީ ކުރިންވެސް ބަލަހައްޓައިގެން އިންގޮތަށް ރާޅު ޖަހަމުންދާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހީވަނީ އެތަނުން ކޮންމެވެސް އެއްޗެއް ފެނިގެން ބަލަހައްޓައިގެން އިންހެނެވެ.
ޒައިޝާ އިޝާންއަށް މަޑުމަޑުން ގޮވާލުމަށްފަހު ގެއަށް ދިޔުމަށް އެދުނެވެ. ނަމަވެސް އިޝާން އަށް އަޑުއިވުނުހެން ހިޔެއް ނުވިއެވެ. ޒައިޝާއަށް ހީވީ އަޑުނީވޭ ބީރު މީހަކާ ވާހަކަ ދެއްކޭ ހެނެވެ. މިއީ ޒައިޝާ އާއި އިޝާން މިތަނުން ޖެހިޖެހިގެން ބައްދަލުވާތާ ދެވެނަ ރެއެވެ. ފުރަތަމަ ރޭގައިވެސް މިގޮތަށް އިޝާންގެ ޢަމަލުތައް ހުރުމުން އެރޭވެސް ޒައިޝާއަށް ޖެހުނީ ފޫހިކަން މަތީގައި ގެއަށް ދާށެވެ. ނަމަވެސް އެރޭ ޒައިޝާ އިޝާން އެކަނިކޮށްފައި ގެއަށް ދާހިތެއް ނުވިއެވެ. އެހެންކަމުން އިޝާން އަންނާނެ ކަމަށް ހީކޮށް މަޑުމަޑުން ޒައިޝާގެ ސައިކަލާއި ދިމާލަށް ހިގައިގަތެވެ. ޒައިޝާގޮސް ސައިކަލް ކައިރީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އިޝާންގެ ހަބަރެއް ނުވެގެން ސައިކަލް ސްޓާޓްކޮށްލީ އެއަޑަށް އިޝާން އަތުވެދާނެ ކަމަށް ހީކޮށެވެ.
ޒައިޝާ އިޝާންގެ ސައިކަލް ފެނޭތޯ ހޯދަމުންދިޔައީ ދެމީހުންގެ ސައިކަލް ކައިރިކައިރީގައި ޕާކްކޮށްފައި ހުރީމައެވެ. ނަމަވެސް އެސަރަހައްދުން އިޝާންގެ ސައިކަލެއް ފެންނާކަށް ނެތެވެ. ޒައިޝާ ހީކުރީ އިޝާން ދުއްވާ ސައިކަލްގެ ޑަބަލްކީ ގެންގުޅޭ އިޝާންގެ ފްރެންޑް އިޝާންއަށް ލަނޑެއް ދިނުމުގެ ގޮތުން ސައިކަލްގައި ދިޔައީ ކަމަށްހީކޮށް އިޝާންއަށްވީގޮތެއް ބަލަން ޒައިޝާ ސައިކަލުން ފައިބައިގެން ދިޔައީ ސައިކަލް ނިއްވާ ނުލައެވެ. އިޝާން އިނީ ކައިރިއަށް ގޮސް ބަލާލީމަ ނޫނީ ނުފެންނަ ހިސާބެއްގައި ކަމުން ޒައިޝާ މިފަހަރު އިޝާންއަށް ސިއްރުން އިޝާން އިން ދިމާލަށް ދިޔައީ އިޝާން ސިއްސުވާލުމުގެ ބޭނުމުގައެވެ. ޒައިޝާ އެތަނަށް ދިޔައިރު އިޝާންއެއް އެތަނުގައެއް ނެތެވެ. އިޝާން ޒައިޝާ އަންނާނެ ކަން އިނގޭތީ ފިލީކަމަށް ހީކޮށް އެސަރަހައްދު އެއްކޮށް ބެލިއެވެ. ނަމަވެސް އެސަރަހައްދަކުން އިޝާންގެ ހަބަރެއް ނުވިއެވެ. އޭރު ވެހެމުންދިޔަ ވާރޭ އެއްކޮށް ހުއްޓާލުމުން އެސަރަހައްދަށް ފިނިކޮށްލަން އަންނަމުންދިަޔަ " ލޯބީގެ ޖޯޑު" ތައް ގިނަވަމުން ދިޔައެވެ. ( ނުނިމޭ )

ޚިޔާލު