އޮކްޓޯބަރ 6 ވަނަ ދުވަހާއި ގުޅޭ...
އިޝާންގެ ހަބަރެއްވޭތޯ އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު މަޑުމަޑުން ސައިކަލާ ދިމާލަށް ދިޔައެވެ. ޒައިޝާ ސައިކަލް މަތީގައި ކުޑައިރުކޮޅަކު މަޑުކޮށްގެން އިނީ އިޝާން އެކަނި ހިގާފައި ގެއަށް ފޮނުވަން ބޭނުން ނުވާތީ ދެމީހުންގެ އޮންނަ ގުޅުމަށް ވިސްނާފައެވެ.
އައިޝާ އެއްވެސް މިސްރާބެއެްނެތި ސައިކަލް ދުއެްވާލިއެވެ. އެވަގުތު ތިނަދޫ ޕޮލިސް ސްޓޭަޝަނުގައި ދުއްވާ ޕޮލިސް ވެހިކަލްގެ ލައިޓް ޒައިޝާގެ މޫނަށް އެޅުނެވެ. ވެހިކަލް އަންނަ ގޮތުން ހީވަނީ ޒައިޝާއާއި ދިމާލަށް އަންނަ ހެންނެވެ. ޒައިޝާއަށް ހީވީ ހަމަ ރަނގަޅަށެވެ. ޒައިޝާ ސައިކަލް މަޑުކޮށްލިއެވެ. ވެހިކަލް އައިސް ޒައިޝާ ގާތަށް މަޑުކުރިއެވެ. އެވަގުތު ވެހިކަލްގައި ދުއްވަން އިން ފުލުސް މީހާ ފެނުމުން ޒައިޝާއަށް ހީވީ ޒައިޝާގެ ފައި ބިންގަނޑު ތެރެއިން ދެމިގެން ދިޔަހެންނެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. މުޅި މީހާ ހާސްވެ ތުރުތުރު އަޅަންފެށިއެވެ. ޒައިޝާއަށް ކުޑަ ވަރެއްގެ ބަދަލެއް އަޔަސް އެކަމެއް އިޝާންއަކަށް ސިއްރެއް ނުކުރެވޭނެއެވެ. ކިތަންމެ ވަރަކަށް އެކަން ފޮރުވަން މަސައްކަތް ކުރިޔަސް އިޝާން އަކަށް އެކަމެއް ނުފޮރުވުނެވެ.
" ޒައި" ކޮންތާކަށް އެކަނި ތިދުއްވާލަނީ.. ސަމާސާ ރާގަކަށް އިޝާން ޒައިޝާއާއި ވާހަކަ ދެއްކިއެވެ. '' ރޭގަނޑު އަންހެން ކުދިން އެކަނި ބޭރުގައި އުޅޭކަން ނުވާނެ.. އަވަހަށްދޭ ގެއަށް..'' އިޝާން ވާހަކަ ދެއްކި އެއްވެސް ވާހަކައަކަށް ޒައިޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން އިޝާން ހީކުރީ ވެހިކަލްގައި އިތުރު ބަޔަކު ތިބީމަ ޒައިޝާ ވާހަކަ ދައްކަން ލަދުގަތީކަމަށެވެ. އެހެންވެ އިތުރު އެއެްޗެކޭ ނުބުނެ އިޝާން ވެހިކަލް ދުއްވާލިއެވެ. ވެހިކަލް ގެއްލެންދެން ކަޅިވެސް ޖަހާނުލައި ބަލަހައްޓައިގެން ހުރި ގޮތުން ހީވީ ޕޮލިސް ވެހިކަލް އަލަށް ފެނިގެން ބަލަހައްޓައިގެން ހުރިހެންނެވެ.
ޒައިޝާ އަކަށް ސައިކަލް ސްޓާޓް ކުރެވުކަމެއް ނުކުރެވުނު ކަމެއް ނުބަލާ ގިޔަރު ބަދަލުކުރަމުން ދިޔަ ނަމަވެސް ސައިކަލް ހުރި ތަނަކުން އެންމެ ތަންފުކެއްވެސް ކުރިއަކަށް ނުދެއެވެ. ރަނގަޅަށް ބަލާލި އިރު ސައިކަލް ހުރީ ސްޓާޓް ވެސް ނުކޮށެވެ. ސްޓާޓް ނުކޮށްހުރި ސައިކަލެއްގައި ކިތަންމެ އަވަހަށް ތަނަކަށް ދާން އުޅުނަަސް ދެވޭނެ ހެއްޔެވެ؟ ގިޔަރުގައި ބަހައްޓައިގެން ސައިކަލް ސްޓާޓް ކުރުމަށްފަހު ދެވޭ ނުދެވޭ ގޮތެއް ނުބަލައި ބާރުބާރަށް ސައިކަލް ނައްޓާލިއެވެ. ކިތަންމެ ފިނި ރެއެއްކަމަކު ގެއަށް އާދެވުނުއިރު ޒައިޝާ ހުރީ މުޅި މީހާ ދާހިއްލާ ފޯވެފައެެވެ. ގެއަށް ވަދެވުނު ބާރުމިނުގައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އެނދުމަތީގައި އޮތް ފޯނު ނެގީ ގަޑިއަށް ބެލުމުގެ ބޭނުމުގައެވެ. ނަމަވެސް ފޯނު އޮތީ ނިވިފައެވެ.
'' މިރޭ އައިޝާ ފެނުނުއިރު ހުރީ ފާޑަކަށް.. ވާހަކަ ދައްކަ ދައްކާ އަގައިވެސް ނުބުނި. އަހަރެން ވެހިކަލްގައި ދަމުން އޭނަ ފެނިގެން މަޑުކޮށްގެން ވާހަކަ ދައްކަން އުޅުނިން '' ހޮސްޕިޓަލްގެ ޑްރެސިންގ ރޫމްގައި ގައިދީއެއްގެ ފައިގެ ބޭސް އަޅަން ހުރި އިޝާންގެ އެކުވެރިޔާ ހިބާ ގާތުގައި ބުނެލިއެވެ. '' ވީގޮތެއް ބަލަންވެގެން ފޯނަށް ގުޅުމުން ބުނަނީ ފޯނު ނިއްވާލައިފައި އޮތްކަމަށް'' ... '' މަވެސް ގުޅައިފިން ދެތިންފަހަރު..ފޯނު އޮތީ ނިއްވާލައިފައި '' .. ބޭސް އަޅައި ނިމިގެން އަންގި ކިޑްނީ ޓްރޭ ތެރެއަށް ލަމުން ހިބާ ބުނެލިއެވެ. '' މަށަށް ހީވަނީ އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެހެން.. މިހާރު ދެދުވަސް ވެއްޖެ ހަބަރެއްވެސް ނުވާތާ މަވެސް ހަވީރު ޑިޔުޓީގައި މިދެދުވަހު ހުރީމަ ހަބަރެއްވެސް ކޮށްނުލެވިގެން މިއުޅެނީ..އޭނަ ކޮންމެ ދުވަހަކު މެސެޖެއް ކޮށްލާވިއްޔާ.. ނަމަވެސް މިހާރު ދެދުވަސް ވެއްޖެ ހަބަރެއް ނުވާތާ.. އިޝާން ހިބާއާއި ވާހަކަ ދައްކަމުންދިޔައެވެ. ދެމީހުން ވާހަކަ މެދުކަނޑާލަން ޖެހުނީ އިތުރު މީހަކު ބޭސް އަޅަން އައިސް ދޮރު ހުޅުވާލީމައެވެ. ސާވިސް މެމޯ ފޯމު އިޝާން އަތަށް ދިއްކޮށްލަމުން '' ތިވީގޮތެއް ބަލާފަ އަހަރެން އަންގާނަން '' ހިބާ ބުނެލިއެވެ. ކައުންޓަރަށް ގޮސް ސާރވިސް މެމޯފޯމް ތަތްގަނޑު ޖެހުމަށްފަހު އެނބުރި އައިސް ހިބާ އަތަށް ފޯމު ދިއްކޮށްލަމުން " ވީގޮތެއް ބަލާފަ ގުޅަށްޗޭ '' އިޝާން ބުނެލިއެވެ. ޖަވާބުގައި އާނއެކޭ ބުނުމުގެ ގޮތުން ހިނިތުންވެ ހުރެ ހިބާ ބޯޖަހާލިއެވެ.
ފާހާނާއަށް ވަދެ ޝަވަރު ދޫކޮށްލިއެވެ. ޕްރެޝަރުގައި ޝަވަރުން އޮހެމުންދިޔަ ފެން ޒައިޝާގެ ބޮލަން އޮހޮރެމުން ދިޔުމާއިއެކު މަޑުމަޑުން ޒައިޝާ ލޯމަރާލިއެވެ. މޫނު މައްޗަށް ފެނާއިއެކު ބީހެމުންދިޔަ އިސްތަށިތައް ދެއަތުން ބޯމައްޗަށް ތަރުތީބު ކުރަމުން ދިޔައެވެ. ލޯމަރާލުމާއިއެކު އިޝާންއާއި ދެމީހުން ބަސްތާ މަތީގައި ތިބި މަންޒަރު ފެންނަކަހަލައެވެ. ލޯހުޅުވާލީ ހިތަށް ވަންނަމުން ދިޔަ ބިރުވެރިކަމުގެ ސަބަބުންނެވެ. އެވަގުތު ފާހާނައިގެ ފެންލައިޓުން ބޭރުން ހުދު ކުލައިގެ އައްޔެއް ދިޔަހެން ހީވިއެވެ.
ހިތައް ވެރިވެފަައިވާ ބިރުވެރިކަމުން އަވަސްއަވަހަށް ފެންވަރައިގެން ޒައިޝާ ފާހާނާއިން ނިކުތެވެ. އަވަސް އަރުވާލައިފައި ހުރިވަރުން ފާހާނާއަށް ވަންއިރަކު ފޯނު ޗާޖަށް ޖަހާކަށް ވެސް ހަނދާނެއް ނުވިއެވެ. ޒައިޝާ އަލަމާރި ހުޅުވާލުމަށްފަހު ޓީޝާޓަކާއި ކަކުލަށް ތިރިއަށްދާ ސޯޓެއް ނެގިއެވެ. ހެނދުން ބަދަލުކުރުމަށްފަހު ބޮލުގައި އޮޅާލެވިފައި އޮތް ތުވާލި ނަގާ ހަރުގައި ބޭއްވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިގެންދިޔަހެން ހީވެގެން އެދިމާލަށް އައިޝާއަށް ބަލާލެވުނެވެ.
ދޮޮރު ހުޅުވިފައި ހުރުމުން ޒައިޝާ ދޮރުލައްޕަން ދިޔައިރު ދޮރު ހުޅުވި ހަނދާނެއް ނުވެއެވެ. ޒައިޝާ އަކީ ކޮންމެ ގަޑިއެއްގައި ކިތަންމެ ކުޑަވަގުތު ކޮޅަކަށް ކޮޓަރިއަށް ވަނަސް ދޮރުލައްޕާ ތަޅުލައިގެން އުޅޭ ކުއްޖެކެވެ. މަޑުމަޑުން ދޮރުލައްޕަން ދިޔަ ވަގުތު ސިޓިންގ ރޫމުގައި މީހަކު އުޅޭހެން ހީވެގެން ދޮރު ލެއްޕުމުގެ ކުރިން ސިޓިންގ ރޫމަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ސިޓިންގ ރޫމް ނިއްވާލައިފައި އޮތުމުން ހަމައެކަނި ސިޓިންގް ރޫމަށް ދީފައިއޮތީ ކޮޓަރިތަކުގެ ބޭނުންކުރާ ނިދާ ބޮކިތަކުން ދީފައި އޮތް ފަނޑު އަލިކަމެކެވެ.
ޒައިޝާ ސިޓިންގ ރޫމަށް ނިކުންނަން ބޭރަށް އެޅި ފިޔަވަޅާއިއެކު މުޅި މީހާ ހުއްޓުން އެރިއެވެ. ގޭގެ ބޮޑު ދޮރު ކައިރީގައިހުރެފައި އިޝާން ހިގާފައި ޒައިޝާއާއި ދިމާލަން އަންނަތަން ފެނުނެވެ.
( ނުނިމޭ )

ޚިޔާލު