ކުޑައިރުކޮޅެއް ކުރިން ވައިގަދަވެ ކުޑަ ވަގުތުކޮޅަކަށް ބޯކޮށް ވެހެންފެށި ވާރޭ ތުނިކޮށްލުމުން ގެމަނަފުށި މަލަސްގޭގެ ޒުލޭހާ އެގޭގެ އަނބުގަސްދޮށަށް ވެރިފަހުރި ފަތްތައް އެއްކުރުމުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. އަސްރުން ފައިބައިގެން ބޭރަށްދިޔަ ޝާއިނާ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް ގޭތެރެއަށް ވަނެވެ. ވާރެއާ ތެމެން ފޯރި ހުންނަ ޝާއިނާގެ އެހަރަކާތުން އެމަންޖެއަށް ކޮންމެވެސް ކަމެއް ވެއްޖެއޭ ހިތާހިތުން ޒުލޭހާއަށް ބުނެވުނެވެ. އެއްކުރަމުންދިޔަ ފަތްތައް އެހުރި ގޮތަކަށް ބެހެއްޓުމަށްފަހު ގަސްތަކަށް ފެންދޭ ހޮޅިން ދެއަތާއި ދެފައި ދޮވެގެން އޭނަގެ ހުރި ހަމައެކަނި ދަރިފުޅަށް ގޮވަމުން ގެއަށް ވަންނަން ހިގައިގަތެވެ.
ޝާއިނާގެ ކޮޓަރީގެ ތަޅުލާފަ ހުރުމުން ދެތިން ފަހަރަކު ޝާއިނާއަށް ގޮވާލިއެވެ. ޖަވާބުގައި ޝާއިނާ ފާހާނާގައި ބުނުމުން ދަރިފުގެ އިންތިޒާރުގައި ގޭގެ ބޮޑު ކޮޓަރީގައި ޒުލޭހާ ދެކޮޅަށް ހިގާލަ ހިގާލަ ހުއްޓެވެ. އެވަގުތަކީ އަޝްރަފްވެސް ގެއަށް ވަދެގެން އައި ވަގުތު ކަމުން ޒުލޭހާގެ ހަރަކާތް ހުރި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އަޝްރަފްއަށް އެގުނެވެ. އަޝްރަފް ސޯފާގައި އިށީއްނަމުން ވެގެން އުޅޭގޮތެއް ބެލުމަށް ޒުލޭހާއަށް ސުވާލެއް އަމުނާލިއެވެ. އެސުވާލަށް ޖަވާބު ނުދެވި އުޅެނިކޮށް ޝާއިނާ ބުރުގާ ހެޔޮވަރު ކުރަމުން ކޮޓަރިން ނިކުތެވެ. ޒުލޭހާ ހާސްވެފައި ހުރެގެން ޝާއިނާ ގާތުން ވީގޮތެއް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.
"ސާމިޔާގެ ގެއިން ނިކުތްތަނާ ވާރޭ ބޯކޮށްލުމުން ވާރެއާ ތެމޭނަމޭހިތާ މަޑުމަޑުން ދުވަމުން އައިސް ގޯޅިން ނިކުތް ވަގުތު މީގެއްގެ ގައިގާ އަޅައިގަނެ ދެމީހުން ބިންމައްޗަށް ވެއްޓުނީމަ އެކަމާ ބިރުން ދުވެފަ ގެއަށް އައީކަމަށް ޝާއިނާ ބުންޏެވެ. ޝާއިނާ ގާތުން އެއްވެސް އަނިޔާއެއްވިތޯ އެހުމުން ނޫނެކޭ ބުނުމުގެ ގޮތުން ޝާއިނާ ދެފަރާތަށް ބޯހޫރާލިއެވެ. ޒުލޭހާ... " ދަރިފުޅާ ދެންވެސް ބަލައިގެން އުޅެއްޗޭ " ބުނެ ޝާއިނާގެ ބޮލުގައި ފިރުމާލަމުން ބަދިގެއަށް ވަނެވެ. ކޮފީތަށި އަޝްރަފްއަށް ދިއްކޮށްލަމުން މިއަދު މާލަހުން އޮފީސް ނިމުނު ދުވަހެއްތޯ އެހިއެވެ. "މަސައްކަތް ހުންނަ ގޮތުން އެކި ދުވަހު އޮފީސް ނިމޭނީ އެކި ގަޑިތަކުގައި ދޯ.. ބައްޕާ " ބުނެ މިފަހަރު ޖަވާބުދިނީ ޝާއިނާއެވެ. ކޮފީ ތަށިން ކޯވަރެއް ބޯލުމަށްފަހު އަޝްރަފް ޝާއިނާއަށް ދިން ހިނިތުންވުމުން ޒުލޭހާ ކުރި ސުވާލުގެ ޖަވާބު ފުރިހަމަވުމުން ޝާއިނާއާއި ޖެހިގެން ސޯފާގައި އިށީއްނަމުން ޝާއިނާގެ ކޮޑުގައި ހިފާ ދެކޮޑު ޖައްސަމުން ދަރިފުޅަށްޓަކައި ޒުލޭހާ ފަހުރުވެރިވިއެވެ.... ނުނިމޭ...


ޚިޔާލު