" ދަންޑަހެލު " މިހެން ބުނުމުން ދިވެހިންނަށް ސިފަވަނީ ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތި ކަމުގައި އޮތް ދުވަސްވަރު އެއަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް އުތީމު 3 ބެއިންނާއެކު އެމަސައްކަތުގައި އުޅުއްވި ދުވާފަރު ދަންޑަހެލުގެ ނަމެވެ. " ކަޅުއޮއްފުއްމި" ނަމަކަށްކިޔާ ރިޔާނެގި އަނގަމަތީ އޮނޑިއެއްގައި ފުރާމާލެއަށްގޮސް ފުރަ ދަންވަރުން ބަޔަކާއެކު ފަތިހަށް ފަޖުރުލުމުގެ ކުރިން ޕޯޗްގީޒުންނަށް ހަމަލާތަކެއް ދިނުމަށްފަހު ފުރައިގެން އަންނަނީއެވެ. މިގޮތަށް ފުރައިގެން އަންނައިރު މާލޭގެ ފަޅުގައިތިބޭ ޕޯޗްގީޒުންގެ އޮނޑިފަހަރުގެ ކުނބުތަކާއި، ފަރުމާނުތައް އެއް އޮޑިން އަނެއް އޮނޑިއަށް ބަދަލު ކުރުމުގެ އެންމެ އިސްދައުރެއް އަދާކުރަނީ މިދެންނެވި ދަންޑަހެލެވެ. ދަންޑަހެލު މަޝްހޫރުވެފައި އޮންނަނީ ވިސްނުމާއި، ޖެހިލުންކުޑަކަމާއި، ހިތްވަރުގަދަކަމުގެ އިތުރުން ވަރަށް ބާރު ގަދަ ފަރާތްތެއްގެ ގޮތުގައެވެ.
ކަޅުއޮއްފުއްމި ޕޯޗްގީޒުންނަށް ފިލަންގޮސް ދެކޮމަންޑޫ ( މަތި ކޮމަންޑޫ، ދަށު ކޮމަންޑޫ ) ފަޅަލާފައި ދާވާހަކަ އޭރު ޕޯޗްގީޒުން ދައްކަމުންދެއެވެ. ނަމަވެސް ހަޤީގަތަކީ ކަޅުއޮއްފުއްމި ދެކޮމަންޑޫ ދޭތެރެއިން އައިސް ށ. މަރޮށިކިޔާ ރަށަކަށް ދަނީ ކަޅުއޮއްފުއްމީގެ ރިޔާ އައު ކުރުމަށެވެ. ދެކޮމަންޑޫ ފަޅާލާފައި ދާކަމަށް އެބުނަނީ މަތިކޮމަންޑޫއާއި ދަށު ކޮމަންޑޫ އޮންނަ ގޮތުން ދަތުރު ކުރަމުންދާ ( ނުދަންނަ މީހުން ) ޕޯޗްގީޒުންކަހަލަ އެތަނުގެ ހާލަތު ނުދަންނަ މީހުންކަށް އެތަނުގެ ހާލަތު ނޭގޭތީއެވެ.
ށ. އަތޮޅުގެ މަރޮށި ކިޔާ ރަށުގެ ފުއްޓަރުން ވަދެ އެރަށުގައި އޮންނަ ކަނޑޫފާ ކުޅިތެރެއަށް އޮނޑި ވަނުމުގެ ކުރިން އޮނޑީގެ ރިޔާ ތިރިކޮށް ކުނބާއި، ފަރުމާނު އަދި ހުންގާނުދޫނި ފަދަ ދިގުކޮށް ހުންނަ ތަކެތި ނައްޓާ އެތަކެތި އޮންޑިއަށް ތިރިކޮށްލުމުން ކަޑުފާ ކުޅިތެރެއަށް އޮނޑި ވަދެފަ އޮތަސް ގާތުންދާ ބަޔަކަށް ރޭކާވެސް ނުލާނެތާއެވެ. އުތީމު 3 ބެއިންގެ ޒަމާން ނިމިގެން އެތަކެއް ދުވަހެއް ފަހުން ރިޔާ ބަދަލު ކުރަން މަރޮށި އަތިރިމަތީގައި އޭރު ޖެހި 3 ކަނޑަ ( ދިއްގާގަހުގެ ގޮފި ) ބޮޑުވެގެން އެގަސްތަކުން އޭރުގެ އެރަށުގެ ކަތީބުގެ ބަހަށް 4 މީހުންގެ ގްރޫޕަކުން އެއްރޭ ދަންވަރު ވަގަށް ލަކުނޑި ކަޑަން ދިޔަކަމަށާއި، ލަކުނޑި ކަޑަން ތިއްބާ އާދަޔާ ހިލާފް އަދުތަކެއް އިވިގެން އެތަނުން މީހަކު ކަތީބު ގާތު އެވާހަކަ ބުނުމުން އިވޭ އަޑަކަށް ސަމާލުކަން ނުދޭށެ މަސައްކަތް ކުރިއަށް ގެންދާށެ ބުނި ކަމާށާއި އެވަގުތު އެކަތީބުގެ ކަންފަތުގެ އިވުން ކޮށިވިކަމަށް ބުނެވެއެވެ. އެކަތީބަކީ މަރޮށި ހުސެއިން އަހުމަދު ( އެމް.އެޗް.އޭ ފިހާރައިގެ ވެރިޔާ ) ކަމަށް ބުނެވެއެވެ. އަޅުގްނޑު މިލިޔުމުގައި އުތީމު 3 ބެއިންނާއި، މަރޮށި ކަތީބުގެ ވާހަކައެއް ދައްކާކަށް ނެތީމެވެ. ނަމަވެސް މަޢުޟޫގައި ބުނެވިފައިވާ ގޮތަށް ދަންޑަހެލުގެ ވާހަކަ އިނގޭ މިންވަރަކަުން ލިޔެވޭތޯ ބަލާނަމެވެ.
މަޖާޒީ ގޮތުން " ދަންޑަހެލު " މިބަސް ތިމާވަރުގެ މީހަކު ނެތްކަމަށް ހެދިގެން އުޅޭ މީހުންނަށް ބޭނުން ކުރެވުނަސް އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެގޮތަށް އެކަން ދިމާވަނީވެސް ސަބަބުތަކެއް އޮވެގެންނެވެ. ދަންދަހެލު ބޯމަތިން ކުނބު އެބުރޭ ވާހަކަވެސް ދިވެހިން އަޑުއަހައެވެ. އެއީ އެމީހާ ކުރަންޖެހޭ މަސައްކަތް ގިނަކަމުން ( އިނގިރޭސިން ބުނާނަމަ މަލްޓި ޓާސްކް ) ބުނާބަހެއްކަމަށް އަޅުގަނޑު މިލިޔުމުގައި ހިމަނާލެވޭތޯ ބަލާނަމެވެ.
އަމިއްލައަށް ތިމާވަރުގެ މީހަކުނެތް ކަމަށް ހެދިގެން އުޅޭ މީހުންނާއި، ކުރަންޖެހޭ މަސައްކަތް ގިނަކަމުން އެހެން މީހުންނަށް " ތިމާވަރުގެ އިތުރު މީހަކު ނުހުންނާނެކަމަށް ބަހާއި ޢަމަލުން ދައްކާ މީހުންނަކީ " މުޅިން ދެބައެކެވެ. މީގެ ތެރެއިން " ތިމާވަރުގެ އިތުރު މީހަކު ނެތްކަމަށް " މިބަސް " އޭނަ ވަރުގެ އިތުރު މީހަކު ނެތިގެން " މިހެން ބަދަލުކޮށްލަން ބޭނުމެވެ. ސަބަބަކީ " އޭނަ " އަކީ ހަމަ އެފަދަ މީހަކަށްވުމުންނެވެ. މިދަންނަވަން އުޅޭނީ އޭގެ މީހެއްގެ ވާހަކައެވެ. ހަމަ " ދުވާފަރު ދަންޑަހެލު " ފަދަ " ގައްދޫ ދަންޑަހެލެއްގެ " ވާހަކައެވެ.
އޭނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅުގެ ދެކުނުފަޅީގެ އިސްމަގާމެއް ރަސްމީކޮށް ހަވާލުވެ ޒިންމާދާރު ކަމާއެކު އެމަޤާމު އަދާކުރައްވަމުން ގެންދިޔުމުގެ އިތުރުން ފުލުހުންގެ މަރުކަޒުގެ މެއިންޓެނެންސް ކަންތަކާއި، އޭސީއާއި، ފެނާއި، ނަރުދަމާއި ކަރަންޓުގެ މަސައްކަތްކޮށް އެމަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، އަތޮޅުގައި ދުއްވާ ފުލުހުންގެ ލޯންޗްގެ ފަޅުވެރިންނަށް " އޮފް " ދިނުމަށް ބޭނުންކުރާ ލޯންޗް ފަޅުވެރިއެއްގެ މަޤާމާއި އެއަތޮޅުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގެ އުޅަނދުތައް މަރާމާތްކޮށް ބެލެހެއްޓުމުގެ އިތުރުން ކަނޑުމަތީގައި ދިމާވާ ހާދިޘާތައް ދެނެގަނެ އެފަދަ ކަންތައްތަކުން ރައްޔިތުން ހޭލުންތެރިކޮށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެސަރަހައްދުގައި ޤާއިމް ކުރެވޭ " ކަނޑުމަތީގެ ހަރަކާތްތައް ދެނެގަތުމުގެ މަރުކަޒު" ގެ ނަމުގައި ގައްދޫގައި ހަދަމުންދާ އިމާރާތުގެ ސައިޓް ސްޕަވައިޒަރުކަމާއި، އެތަނުގެ އިދާރީ ކަންތަކާއި، އެތަނަށް ތަކެތި ފޯރުކޮށްދޭ ފަރާތުގެ ޑްރައިވަރުގެ އިތުރުން ސައިޓްގެ ލޭބަރުކަންވެސް މިވަގުތު ކުރަމުންދާ ފަރާތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ސަރަހައްދުގައި މިފަދަ އިމާރާތެއް ހަދަމުންދާއިރު އުދަލި، ފަކީރާ ހިފައިގެން ސަލީފާ ތެރެއަށް ގުދުވެ މައިބަނދައިން އަޑުކިޔާހާލު ސިމެންތި ގެށުމުގައި ބަޔަކު އަވަދިނެތި އުޅޭކަން ހަމަ " އެވެރިންނަށް " ނޭގެނީ ބާއެވެ؟ ސަލީފާތެރެއަށް ގުދުވެއޮވެ " އެދަންޑަހެލަށްވެސް " މަސައްކަތް ކުރެވޭނީވެސް ވަކި ވަރަކަށްތާއެވެ. ދޮންހުތާބެއްޔާގެ ސަލީފާއާއި، މުދިމު އާދަނުގެ ކަތިވަޅި ގެނެސްގެން މިފަދަ މަސައްކަތް ކުރި ދުވަސްތައް މާޒީވެ ހިގައްޖެއެވެ. މަސައްކަތް އަވަސްކުރެވޭނީ އެކަމަށް ބޭނުންވާ އާލާތްތައް އަތުޖެހޭ ހިސާބުގައި ހުރެގެންނެވެ.
މިއިމާރާތުގެ މަސައްކަތައް ވަކި ބަޔަކު ދޫކޮށްފައި ތިބޭއިރު " އިމާރާތުގެ މަސައްކަތް ނުނިމި ލަސްވަނީ އެމީހުން މަސައްކަތް ނުކުރާތީއޭ " ބުނެ ސައި ހޮޓަލާއި ކޮފީ މޭޒު ތަކުގައި ބޭކާރު ވާހަކަ ދައްކާ މީހުން މަސައްކަތް ނުނިމެ ލަސްވަނީ ކީއްވެތޯ ބެލުމަށްފަހު އެވާހަކަ ދެއްކުން ކިހިނެތް ވާނެތޯއެވެ؟ މިއީ އެމަސައްކަތް ކުރަންޖެހޭތީ ބުރަވެގެން ދައްކާ ވާހަކައެއް ނޫނެވެ. ކުރިން ހަނަފަސް ބިމެއްހެން އޮތްއިރު އިމާރާތުގެ ވެރިފަރާތަކީވެސް، ސްޕަވައިޒަރަކީވެސް ލޭބަރަކީވެސް މިދެންނެވި ދަންޑަހެލު... އިމާރާތުގައި " އިވެޖް " ވަރުގެ ދިގު ތަބުތަކާއެކު އެޅި ގަލުގެ ފާރުތައް ފެންނަން ފެށުމުން " މަގޭ އިމާރާތޭ " ބުނާ މީހުން ގިނަވެ " މިލްކުވެރިކަން " ސާބިތުކުރަން ނޫސްތަކުގައި ނުޖަހާނެބާ؟...
ސްޓޭޝަން ކުރިމައްޗަށް ވެއްޓި ކުނިވެފައި އޮންނަ ބަނބުކެޔޮ ވަޅުލަންވެސް މިފަކީރު .... ޖެހިގެން ހުންނަގޭގެ ފުރާޅު މައްޗަށް ވެއްޓި ހޭނެތިފަ އޮންނަ ބޯޅަކިންކިރިމާ ހަސްފަތާލަށް ގެންދަން ސްޓްރެޗަރ ހިފައިގެން ފުރާޅަށް އަރަންޖެހުނަސް މިފަކީރު... ކުޑަކުދިން ކުޅެން އިސްޓާކީނުން ބޯޅަ ހަދަން ޖެހުނަސް މިފަކީރު... ފަޅުތެރޭގައި އަޅާފައިހުރި ޑިންގީތައް ޒުވާބު ކުރިޔަސް މިފަކީރު، މިގެންގޮސް ކިޔާފަ ނުކިޔާކަށް ކަމެއްނެތް... މިހެން ނުވާންވީ ސަބަބެއް ނެތެވެ.
އިމާރާތުގެ އޭސީ ސާރވިސް ކުރަން " އަމީތާބު " ވަރުގެ ދިގު ހަރުގަނޑަށް އަރާހުރެ މަސައްކަތް ކުރާ ވަގުތާއި، ސަލީފާތެރަށް ގުދުވެ ސިމެންތި މަސަލަސް ކުރަން އޮންނަ ވަގުތު ތަކުގަ " އެންމެން އެކުވެ ނުފެނި ތިބެ " ކުރިއަށްދާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަވްޢަތު ދިނުމުން ފައިވާން " އަތަށް ނަގައިގެން " ގޮސް އެފަދަ ބައްދަލުވުން ކުރިއަށްދާ މާލަމްތަކަށް ގިނަފަހަރު ވަންނަން ޖެހުމުން ކުރަމުންދިޔަ މަސައްކަތަށް ނުކުރެވި ލަސްވާގޮތް ދިމާވެއެވެ.
ބައެއް މީހުންނަކީ ރަނގަޅު ކަމުގެ ސިއްކަޖަހައި " ނަމޫނާ " މީހުންގެ ގޮތުގައި " އެވެރިން " އެންމެންގެ ތެރެއަށް މަޝްހޫރު ކޮށްފައި ތިބި ބަޔަކަށް " ދަންޑަހެލު " ކުރާ މަސައްކަތްތައް ނުފެނުމަކީ ދަންޑަހެލުގެ މައްސަލައެއް ނޫނެވެ. " ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ " ފަދައިން ތިމާގެ ހިތް އެމީހަކަށް ނުރުހެންޏާ ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް ނުފެންނާނެއެވެ. " ތިމާވަރުގެ މީހަކުނެތް ކަމަށް ހެދިގެން އުޅޭ މީހުންގެ ފޮތުގައި ތިމާގެ ނަން އޮވެފައި ތިމާވަރުގެ އިތުރު މީހަކު ނުހުންނާނެ ކަމަށް " އެވެރިން " ޤަބޫލުކުރާ މީހުންގެ ތެރޭގައި " ގައްދޫ ދަންޑަހެލު " ހިމެނުމަކީ ދަންޑަހެލުގެ މައްސަލައެއް ނޫނެވެ. ބަޔަކު ކިތަންމެ ހަސަދައެއް ލިޔަސް " ދަންޑަހެލު " ވާނީ ހަމަ ދަންޑަހެލު އަށެވެ.


ޚިޔާލު